ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ ހިތްވަރު އެމްޑީޕީގައި ނުހުންނާނެ ކަމަށް ލ. މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުންނެވެ. ސައީދު ވަނީ އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ގާތްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީން އަރުވާ "ސައިބޯނި ބޮކި" ތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އިންތިހާބާ ދިމާކޮށް ސައިބޯނި ބޮކި އެރުވިޔަސް ޕީޖީގެ އިތުބާރު ނެތްކަމަށް ނިންމާނެ ހިތްވަރު އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް އަނެއްކާ ވެސް ޕީޖީން ވަނީ އެ މައްސަލައިގެ ޕީޖީގެ ކުރީގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

މި ކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

މި މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމުމާ އެކު އިދިކޮޅުން ވަނީ ރައްޔިތުންނަށް ވެންޓިލޭޓަރުތައް ދައްކަން ޖެހޭ ކަމަށާއި އަދި ކުރީގެ ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި އަބްދުﷲ އަމީން އަށް ވަޒީރުކަން އަލުން ދޭން ޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުށް މި މައްސަލައިގައި ދައުލަަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޖެހޭ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.