ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި މަތި ޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުން އިތުރަށް ލިބިގެންދާ ގެއްލުން ބޮޑުވާނެ ކަމަށާއި އެކަމުން ފެންނާނީ ސަރުކާރުވެސް އެ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެފައިވާތަން ކަމަށެވެ.

އެކަން ބަދަލު ކުރުމަށް ރައްޔިތުންނާ އެކު ތިބި ކަމަށާއި އެ މައްސަލާގައި ދޫ ނުދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެފެދައިން ވިދާޅުވެފައި ވާއިރު، ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަންވެސް ރައިސް ނަޝީދު ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދު އެފެދައިން ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމުމާއި ގުޅިގެންނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.