ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައިފިއެވެ.

ޝަރީފް ވިދާޅުވީ ރޭޕް ކޭސް ހިންދާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ، މުޒާހާރާ ކުރަން ނިކުތް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވާ އާންމުންގެ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. އަދި ބަންދުކުރަންވީ ރޭޕިސްޓުން ކަމަށާއި ފިޔަވަޅު އަޅަން ޖެހެނީ ފެއިލް ވެފައިވާ މުއައްސަސާތަކުގެ ވެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ރޭ އެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެ ތަހުގީގު މަރުހަލާ ލަސްވެގެން ދާތީ ކަމަށް ބުނެ ރަށުގެ ރައްޔިތުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެހަމަނުޖެހުން ހިންގައިގެން 10 މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައެއް ގައި މަޑުއްވަރީގައި އިއްޔެ ވެސް އާންމުން ވަނީ އިހުތިޖާޖެއް ކޮށްފައެވެ. އިއްޔެގެގެ މުޒާހަރާގައި އެރަށު ގިނަ ބަޔަކު ބައިވެރިވި އިރު 14 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކަށެވެ.