14 އަހަރު ކުއްޖާއަށް ބިރު ދައްކައިގެން ރޭޕް ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުން ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވަނީ މި މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސީޓީ ޓްވިޓާގައި ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދައުލަތުގެ މުއައްސަސާތަކުން އެ ރަށުގެ މަސްރަހު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ބުނެފައި ވަނީ، މާލެއިން އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު، މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓް ހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެ ކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކޮށްލަން ވެސް ހާޒިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މައުސޫމް ކުއްޖާއަށް އިންސާފު ލިބޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަނިޔާ ލިބުނު ކުއްޖާ ހުރި ރަށުގެ މީހުންތަކެއް މިކަމުގެ ކަންބޮޑުވުމާއެކު މުޒާހަރާ ކޮށްފައިވާ އިރު އެ މުޒާހަރާ ކުރި މީހުންގެ ތެރެއިން މިހާތަނަށް 11 ވަރަކަށް މީހަކު ހައްޔަރު ކުރި މައްސަލަ ފާހަގަކޮށް އާދަމް ޝަރީފް ވަނި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ނުލިބި، އެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން މިނިވަން ކަމާ އެކު ދޫވެފައި ތިބުމަކީ މި މުޖުތަމައުގެ މަސްލަހަތު ގެއްލެމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލައި ދިނުމަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މެދުވެރިކޮށް ކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ފަދަ މައްސަލަތަކުގައި އިންސާފު ނުލިބި ދިއުމަކީ ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހުމުން ދާ ކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ ސީރިއަސް މައްސަލަތަކާ މެދު އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަން ދޭހަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ ކުރީކޮޅެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާތަނަށް އައި އިރު މި މައްސަލައިގައި ހެއްކެއް ނެތުމުން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފައެވެ.
އެރަށުގެ ރައްޔިތުން ނުކުމެ ފުލުހުންގެ އިދާރާ ކައިރީގައި މިދިޔަ ބުދަ ދުވަހު މުޒާހަރާ ކޮށްފައިވާ އިރު އެތަނުގެ ނަން ބޯޑު އަދި އިމާރާތަށް ބައެއް ގެއްލުން ލިބިފައި ވެއެވެ. އަދި އެ މުޒާހަރާއާ ގުޅިިގެން ފުލުހުން ބުނެފައި ވަނީ ރ. މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދީ ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.