މިމަހު 10ގެ ފަހުން ޅ.ނައިދަރަށް އަދ މިމަހު 1ގެ ފަހުން ޅ. ފެލިވަރަށް ގޮސްފައި ވާނަމަ އަދި އެރަށްތަކުގައި އުޅެ އެހެން ރަށަކަށް ދިޔަ މީހަކު ހުރިނަމަ އަވަހަށް އެންގުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން އަދި ފެލިވަރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، އެރަށްރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އެ ތާރީހުގެ ފަހުން ނައިފަރަށް ނުވަތަ ފެލިވަރަށް ގޮސްފައިވާ ފަރާތެއް ވާނަމަ، އެރަށަކުން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މާޗު 10ގެ ފަހުން އެދެރަށުން ތެރެއިން ރަށަކުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައެވެ.

ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އެރައްތަކުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނީ އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގާ ޓެސްޓްކުރަންވާނެ ކަމަށެވެ.