ރ. މަޑުއްވަރީ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި އެއަތޮޅު މީދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެވެ. މި އަށް މީހުންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަނުގައި، ބ. ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވާއިރު، މި ދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލަ ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.