ރައްޔިތުންގެ ކިބައިން ހޯރަފުށީ ސަލީމް މައާފަށް އެދިވަޑަގަތުމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޒައިދު މިފަދައިން ގޮވާލެއްވީ މިދިޔަ އަންގާރަ ދުވަހު ހޮރަފުށި ދާއިރަގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މަޖިލީހުގައި ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ. އެދުވަހު ސަލީމް ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް ކަމަށާއި، ބޭނުންހާ ވާހަކައެއް ނުދެއްކޭނެ ބައެއް ކަމަށެވެ.

މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ، ސިވިލް ސާވަންޓުންނަކީ ހަމަ ހަގީގީ "އަޅުން" ގެ ގޮތުގައި ސިފަ ކުރައްވަން މަސައްކަތް ކުރެއްވި މަޖިލިސް މެންބަރު ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންވަން ޖެހޭ ކަމަށެވެ. ސަލީމް ދެއްކެވި ވާހަކައަށް ރިއާޔަތް ކުރައްވަމުން ޒައިދު ވިދަޅުވީ އެވާހަކަ އަކީ ވަރަށް އިހުތިރާމްކަން ކުޑަ ގޮތަަކަށް ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި ދީނާ ހިލާފް ނުވާ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އަސާސީ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވީ، އިސްލާމް ދީނާ ހިލާފް ނުވާނަމަ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިޔާލު ފާޅުކުރުމުގެ ޖާގަ އޮންނަން ޖެހޭ ކަމަށެވެ. ހުއްޓުވަން ވީ ދީނާ ހިލާފް ވާހަކަތައް ކަމަށާއި މީހުން އަޅުވެތި ކުރަން ވަކާލާތު ކުރެއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ޒައިދުގެ އިތުރުން ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒް ވެސް ވަނީ ހޯރަފުށީ ސަލީމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވާފައެވެ. އިޔަޒް ވިދާޅުވީ، ކޮންމެ މީހަކު ވެސް އެމީހެއްގެ ހިޔާލާއި ވިސްނުން، އިސްލާމީ ޝަރިއަތާ ހިލާފު ނުވާ ގޮތަށް ފާޅު ކުރުމުގެ މިނިވަން ކަން ލިބިގެންވާ ކަމަށެވެ. އަދި އެއީ ލިބެން ވެސް ޖެހޭ ހައްގެއް ކަމަށެވެ.

އާންމުންގެ ގިނަ ބައެއްގެ ތާއިދާއި ލޯބި ހޯއްދަވާފައިވާ ސަލީމްގެ މި ވާހަކައަށް ދީނީ އިލްމުވެރިން ނޫނަސް އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ފާޑު ކިޔަމުންނެވެ.