މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ހައުސިން މިނިސްޓްރީ ދިނުމަކީ ދަންތުރައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ މާފަންނު ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމި ދިޔައީ ރައީސް މައުމޫންގެ ފަރާތްޕުޅުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކަމަށާއި އެއީ ދަންތުރަ އެއް ކަމަށެވެ. އަދި އެކަމުން މިހާރު އަރައިގަނެވިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ދުވަސްކޮޅެއް ނެގި އެ ދަންތުރައިން އަރައިގަތުމަށް. އިރާދަކުރައްވައިގެން ހައުސިން މިނިސްޓަރު ބަދަލުވެއްޖެ، މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހައުސިން މިނިސްޓަރަކަށް އެ ހުންނެވީ އެމްޑީޕީގެ ހައުސިން މިނިސްޓަރު
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވަނީ މާލެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމަކީ އެމްޑީޕީ އުފެދިގެން އައި ހަގީގީ އަސާސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާއެއް އެބަތިބި ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތައް ސަރުކާރުން ތިން ގިންތި އަކަށް ފެތޭ ކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރަކަށް ހުންނެވީ އެމްއާރްއެމްގެ ފަރާތުން ވަޑައިގެންނެވި އާތިފާ ޝަކޫރުއެވެ. އާތިފާ އިސްތިއުފާ ދެއްވުމުން އެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ މުހައްމަދު އަސްލަމްއެވެ.