ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ބޭނުންފުޅުވާ މަޖިލީހުގެ މެންބަރުން އެމަނިކުފާނަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ލޯކަލް އިންތިހާބުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ރައްދު ދެއްވަމުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މެންބަރެއް ކެމްޕެއިނަށްޓަކައި އެ މެންބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން ހުށަހަޅައިފިނަމަ އެ މެމްބަރެއްގެ ދާއިރާއަށް ފޮނުވައިދެއްވާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރުންނަށް ކައުސިލް އިންތިހާބުގެ ކެމްޕޭންގައި ބައިވެރިވެ، ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ލިބެންވާނެ ކަމަށާއި އެހެންކަމުން ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ބޭނުންފުޅުވާ މެންބަރުން އެމަނިކުފާނަށް އެކަން ހުށަހެޅުއްވުމުން ހުއްދަ ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހަޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކުން ސިޔާސީ މަންފާ އެންމެ ފުޅާ މިނުގައި ނަގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ކަރަންޓީ ނުނުވެ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެެލެވެން އެބައޮތް ކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރަށްރަށަށް ދިއުމަށް ފަހު ކަރަންޓީން ނުވެ ކެމްޕޭން ކުރަމުންދާ މައްސަލަ ފެންމަތިވެފައި ވައިރު، މަޖިލީހުގައި އިދިކޮޅު މެންބަރުން ބުނެފައި ވަނީ އެމްޑީޕީގެ މެންބަރުން ކެމްޕެއިން ކުރުމަށް އުސޫލުތަކުގެ ބޭރުން އަމަލުކުރަމުންދާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.