ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތައް ހައްލެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އެވެ. މި ގަރާރު ހުށަހަޅުއްވާފައި ވަނީ ކޮވިޑްގެ ބަލިމަދުކަމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަމުން ދިއުމާ ގުޅިގެން ކެފޭ، ރެސްޓޯރެންޓްތައް ބަނގުރޫޓުވެ، އަލުން އަނބުރާ ކޮޅަށް ޖެހުމުގެ އުއްމީދު ކުޑަ ވަމުން ދާތީއެވެ. އަދި މި ހިދުމަތް ދޭ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ދާތީ، އެ ފަރާތްތަކަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލެއް ހޯދައި ދިނުމަށް، ސައްލެގެ ގަރާރުގައި ވެއެވެ.

ސައްލެ ވިދާޅުވީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކެއިންބުއިމުގެ ހިދުމަތް ހޯދަމުންދާ ތަނަކީ ކެފޭ ރެސްޓޯރެންޓްތައް ކަމަށާއި، އެއީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވިޔަފާރީގެ ތެރެއަށް ނިކުތުމަށް ބޭނުން ކުރަމުންދާ މަގު ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ސަބަބުން، ހާއްސަކޮށް މާލެ ސަރަހައްދުގައި މި ވިޔަފާރި މުޅިން ހުއްޓުމަށް ގޮސްފައި ވާ ކަން ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ، ގައުމުގެ އާންމު އިގްތިސޯދަށް މިކަމަށް ބޮޑު އަސަރެއް ކުރަމުން ދާ ކަމަށެވެ.

ސައްލެ ވިދާޅުވީ ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، މި ބައްޔާއެކު އެއް އަހަރު ވެގެން ގޮސްފައި ވާއިރު، އެ ބަލިން ސަލާމަތްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު މިއީ އެތައް ބަޔަކު ބަރޯސާވެގެން ތިބި ވިޔަފާރިތައް ބަނގުރޫޓުވުމަށް ދޫކޮށްލަން ވީ ސަބަބެއް ނޫން ކަމަށެވެ. އަދި ކުއްލި ނުރައްކަލަކީ ކުއްލި އަކަށް ދިމާވާ ކަންކަން ކަމަށާއި، އެކަމަކާއެކު އެތައް ދުވަހެއް ވީ ކަމަކީ ކުއްލި ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭނެ ގާނޫނީ އަދި ބުއްދީގެ ހަމައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެފޭ، ރެސްޓޯރެންޓްތައް ހިންގަނީ ކުދި ވިޔަފާރިވެރިން ކަމަށެވެ. ބޮޑު ކުލީގައި ތަންތަން ނަގައިގެން ވިޔަފާރިތައް އެއްކޮށް ބަނގުރޫޓު ވެފައިވާ ކަން ސައްލެ ފާހަގަ ކުރެއްވިއެވެ. ސައްލެ ވިދާޅުވީ، ކެފޭ، ރެސްޓޯރެންޓްތައް އަވަހަށް ބަންދުކޮށް ވިޔަފާރިވެރިން ގެއަށް ދާއިރު ފެންނަނީ އެހެނިހެން ވިޔަފާރިތައް ހިންގަމުން ދާ މަންޒަރު ކަމާއި، އެއީ ހަމަހަމަ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ވިޔަފާރިތަކަށް ލުއި ދިނުމަށް ގޮވާލައްވާ ސައްލެ ވަނީ، ލާޒިމްކޮށްގެން ވިޔަފާރި ބަންދު ކުރަން ޖެހުނު ވަގުތަށް އެކަށީގެންވާ ބަދަލެއް ދިނުމާއި، ސަރުކާރުން ކުއްޔަށް ދީފައި ވާ ތަންތަނުގެ ކުލި ލުއި ކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެކަށީގެންވާ މުއްދަތަކަށް ފެނާއި ކަރަންޓު ކަނޑާ ނުލާނެ ގޮތެއް ހޯދާ، ޖީއެސްޓީ ދެއްކުމުގައި ލުއި ގޮތެއް ހޯދައި ދިނުމާއި، އެހެން ވިޔަފަރިތަކާ ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދެވޭނެ މަގު ފަހިކޮށް ދިނުމަށް ވެސް ސައްލެ އެދިލެއްވިއެވެ.

މި މައްސަލައަށް ބަހުސް ކުރުމާ މެދު މެންބަރު ދެކެވަޑައިގަންނަވާ ގޮތް ބެލުމުގެ ގޮތުން ނެގި ވޯޓުގައި، 24 މެންބަރުން ވަނީ އެކަމަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.