ދ. ހުޅުދެލީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިމަހު 18 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

އެގެ އިތުރުން 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެދިޔަ މި މަޝްރޫއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.