ބިދޭސީ މަސައްކަތްތެރިން މަދުކޮށް 200 ދިވެހިންނަށް ވަޒީފާ ދޭން ޕްލޭނެއް އެކުލަވާލައިފައި ވާ ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ އެހެން ވިދާޅުވެފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި އަންނަ ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދިވެހިންނަށް ވަޒީފާ ދިނުމަށް އިސްކަން ދޭން ޖެހޭ ކަމަަށާއި ބިދޭސީ މުވައްޒަފުން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނެގުމުގެ ސިޔާސަތު އެކަށައަޅާ ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެން ޖެހޭ ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ، 7 އަހަރު ދުވަހު ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލާ ހުރިހާ ސެކްޝަނެއް މިނިސްޓްރީގެ ދަށަށް ގެންގޮސްގެން އުޅުއްވިއިރު އެއްވެސް ބިދޭސީއަކަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.
އޭގެ އިތުރުން މި ދެ އަހަރުގެ ތެރޭގައި ބިދޭސީން މަދުކޮށް 30 ދިވެހިން އިތުރުކޮށް، ކުރިއަށް އޮތްތާނުގައި 200 ދިވެހިން ނަގަން ޕްލޭން އެކުލަވާލާފައި ވާކަމަށް ޝިފާ ވިދާޅުވިއެވެ.