ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރާ ކެމްޕޭނުގައި 2 ޕާޓީގެ ކުލަ އަދި ލޯގޯ އެއްކުރާ ކަމުގެ ތުހުމަތާއެކު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި އެ ޕާޓީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން ބޭނުން ކުރަމުންދާ ކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އެ އަމަލީ ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށް ހިންގާ އަމަލެއް ކަމަށާއި އެއީ ޣައިރުގާނޫނީ އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ކޯލިޝަން ހަދައިގެން ކެމްޕޭން ނުކުރާ ކަމަށާއި ޕީޕީއެމް އަދި ޕީއެންސީއަކީ ވާދަވެރިން ކަމުގައި ވާތީ އެފަދައިން ކަން ކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ. އަދި އެ މައްސަަލަ ބަލައި ދިނުމަށް އެމްޑީޕީން ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ގޮވާލާފައެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނަށް ރައްދު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެ ކޯލިޝަނުން ކުރަމުން ދާ ކެމްޕޭން ހަރަކާތްތަކުގައި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ރަމްޒުކޮށްދޭ "ރީނދޫ ކުލަ" އަކީ އެޕާޓީއަށް އެލާޖިކް ކުލައެއް ކަމަށެވެ. އަދި އެ ކުލަ ބޭނުން ކުރުމަކީ އެ ކޯލިޝަނަށް ލިބެން އޮތް ވޯޓުތައް ގެއްލޭނެ ފަދަ އަަމަލެއް ކަމަށެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ އެމްޑީޕީން އެ ގޮތަށް އެ ކޯލިޝަންގެ ބޮލުގައި ތުހުމަތު އަޅުވައިގެން އެޅެނީ ކަމަށާއި އެއީ ޖޯކެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކަންކޮށްފައިވާ ގޮތް ހާމަ ކުރައްވާފައެވެ. އެ ގޮތުން އެމްޑީޕީން ވަނީ ކުލަ ބަރިއެއްހެން އިދިކޮޅު ޕާޓީގެ ކުލަ ޖަހައިގެން އެމްޔޫއޯ ހަދައިގެން އެ ކުލަ ބޭނުންކޮށްފައި ކަމަށް މުންދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކުލަ އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގައި ބޭނުން ނުކުރާ ކަމަށް މުންދު ވިދާޅުވެފައި ވާއިރު، ސޯޝަލް މިޑިއާގައި ދަނީ ޕީޕީއެމް އަދި އެމްޑީޕީގެ ލޯގޯއާއި ކުލަ ބޭނުން ކޮށްފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި ބަޔަކު ފެންނަ ފޮޓޯތަކެއް ދައުރު ވަމުންނެވެ.
މީހަކު ބަލާނެ ފައްޅި ހާމުދުރު ކުލަ..