ޓެންޒޭނިޔާގެ 5ވަނަ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގުފުލީ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރައީސް ސަމިއާ ސުލޫހޫ ހަސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހުގެ މެސެޖުގައި، މިމަހުގެ ކުރީކޮޅު ރައީސް ޖޯސެފް މަގުފުލީ އަވާހަރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޓެންޒޭނިޔާއަށް ކުރިމަތިވި އެ ހިތާމައިގައި އެ ގައުމުގެ ރައްޔިތުންނާއެކު، ދިވެހިރާއްޖެއިން ވެސް ކޮމަންވެލްތު އާއިލާގެ މެންބަރެއްގެ ގޮތުން ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ މެސެޖުގައި ޓެންޒޭނިޔާގެ 6 ވަނަ ރައީސްގެ ޒައާމަތުގައި ދެގައުމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

ރައީސްގެ މެސެޖުގައި ޓެންޒޭނިޔާގެ ރައީސް ޖޯސެފް މަގުފުލީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ ރައްޔިތުންނަށާއި، ހާއްސަކޮށް ރައީސް މަގުފުލީގެ އާއިލާގެ ބޭފުޅުންނަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފިހުން ބުނެއެވެ.