63 ވަނަ ފަަހަރަށް ރާއްޖެ އައި ދެމެފިރިއަކަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފްރާންސަށް ނިސްބަތްވާ ނަޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާކް ނިޓެލް ޗުއްޓީއަށް މިއަދު ރާއްޖެއަށް ކުރި ޒިޔާރަތަކީ އެދެމެފިރިންގެ 63 ވަނަ ދަތުރެވެ.

އެ ދެމީހުން ބުނާގޮތުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ކޮންމެ ފަހަރަކު ވެސް ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަން ދެކިލާ، ރާއްޖެއިން ލިބޭ މެހެމާންދާރީގެ ސަބަބުން ކަަމަށް އެދެމެފިރިން ވަނީ ބުނެފައެވެ.

ރާއްޖެ 63 ފަހަރު އައި ނަޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާކް ނިޓެލް / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހަދިޔާތަކެއް ދީފައެވެ.

ރާއްޖެ 63 ފަހަރު އައި ދެމަފިރިންނަށް މަރުހަބާ ކިޔަނީ / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އޭގެ އިތުރުން އެއާޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި އެ ދެމަފިރިންގެ ޝަރަފުގައި ވަނީ ކޭކެއް ވެސް ފަޅާފައެވެ.

މި މަހު 13ފައި ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިއަކަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެއީ ފްރާންސަށް ނިސްބަތްވާ ސާޖް ޑިސޯ (މިސްޓަ ބީން) އާއި ޖޮސެލް ޑިސޯއެވެ.