މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި އެންމެ ފުރަތަމަ މަނީ ލޯންޑަރިން ދައުވާ ކުރާ މައްސަލައިގައި 1.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އިން ބުނީ، މި މައްސަލައިގައި ދައުވާ ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަލާފައިވާ ކަމަށެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތު ކުރެވިގެން މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލަ ކަމަށް ޕީޖީން ބުނެއެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމަށެވެ. އެމައްސަލައިގައި އެމީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައެވެ.

މި މައްސަލާގައި ފުލުހުން ބަލާ ފާސްކުރި ތަންތަނުން ޖުމްލަ 1،542،675 ރުފިޔާ ފެނިފައިވާ ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ، މި މައްސަލާގައި ދައުވާ ލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުން ހުރި އެކައުންޓްތަކުގައި ދައުރުކޮށްފައިވާ ކަން ހޯދިފައިވާ ކަމަށް ވެސް ޕީޖީން ބުނެއެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ މަނީ ލޯންޑްރިން ބައި އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލަފާދީފައިވާ ކަމަށް ޕީޖީން ބުނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

އިސްމާއިލް ޝަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާ:

  • ޑައިމޯފިން ޓްރެފިކްކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ގެ ދަށުން.
  • ކެނެބިސް ޓްރެފިކް ކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން.
  • މަނީ ލޯންޑްރިންގޤާނޫނު ނަންބަރު: 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން.
  • ޑައިމޯފިން ބޭނުންކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 114 މާއްދާގެ ދަށުން.
  • ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުންޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 613 ވަނަ މާއްދާގެ ދަށުން.

ޝާނިޔާ އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ:

  • ޑައިމޯފިން ޓްރެފިކްކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ގެ ދަށުން.
  • މަނީ ލޯންޑްރިންގޤާނޫނު ނަންބަރު: 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން.
  • ޑައިމޯފިން ބޭނުންކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 114 މާއްދާގެ ދަށުން.

ހަސަން ރަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ:

  • ޑައިމޯފިން ޓްރެފިކްކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ގެ ދަށުން.
  • ކެނެބިސް ޓްރެފިކް ކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން.
  • މަނީ ލޯންޑްރިންގޤާނޫނު ނަންބަރު: 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން.
  • ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 116 ވަނަ މާއްދާގެ ދަށުން.

ހަސަން ލޫތުގެ މައްޗަށް އުފުލާފައިވާ ދައުވާ:

  • ޑައިމޯފިން ޓްރެފިކްކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ގެ ދަށުން.
  • ކެނެބިސް ޓްރެފިކް ކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން.
  • މަނީ ލޯންޑްރިންގޤާނޫނު ނަންބަރު: 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން.
  • ޑައިމޯފިން ބޭނުންކުރުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 114 މާއްދާގެ ދަށުން.

މުހައްމަދު އަފްލާހް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާ:

  • ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުންޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ރ) ގެ ދަށުން.

މި މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގެ ތެރެއިން

ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގައި މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު ‘ވިޔަފާރިވެރިން’ ފަހަތުން ދިއުމަސް އަމާޒުކުރައްވާ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ހޯދާނީހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާ ނޫން ކަމަށާއި އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫން ވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭން ޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށްކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ.