މަސްތުވާތަކެތި ބޭނުން ނުކުރިއަސް އެކަމުގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ފަށައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު، ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ގެންނަން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސަތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލާއިރު ފައިސާ ފަހަތުން ދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، 2020 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ ސިޔާސަތުގެ ދެވަނަ ބަދަލަކީ، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ދައުލަތުން ދައުވާކުރި ޖުމްލަ މައްސަލަަތަކުގެ 47 ޕަސެންޓަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލަތައް ކަމަށާއި، މަސްތުވާތަކެތީގެ އާދަ ހިފެހެއްޓުމަށް ކުރާ ވައްކަމާއި، ފޭރުމާއި އެނޫންވެސް ޕެޓީ ކްރައިމްތައް ހިމެނުމުން، އެ އަދަދު 60 ޕަސެންޓަށް ވުރެ މަތިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ވެސް އެކަން އޮތީ އެގޮތަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ، އެތަކެތި ރާއްޖެއަށް އެތެރެވެ، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށް ޝަމީމް ވިދާޅުވިއެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އެ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހު ންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

އެ ގާނޫނުގައި ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައި ވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި، އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމަނައިގެނެވެ. އެހެންކަމުން، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެފިހާރައަކީވެސް އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއްކަން ޕީޖީ ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ބާވަތުގެ ފުރަތަމަ މައްސަލައިގައި ދައުވާކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތު ކުރެވިގެން މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމަށެވެ. އެމައްސަލައިގައި އެމީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައެވެ.