ކުރިއަށް އޮތް އިންތިހާބުގައި ނާޖާއިޒު މަންފާ ހޯދުމަށްޓަކައި، އިސްރާއީލުގެ ހުދުހުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ، އަބޫދާބީގެ "ބޭނުން" ނަހަމަ ގޮތުގައި ހިފަމުން ގެންދާ ކަމުގެ ތުހުމަތުގައި، އެކުވެރި އަރަބި އިމާރާތުން، ފާޅުގައި ނަތަންޔާހޫއާ ދުރުހެލިވެލައިފިއެވެ.

އެކުވެރި އަރަބި އިމާރާތުން ނަތަންޔާހޫއާ ދުރުހެލިވެފައި މިވަނީ، އަބްރަހަމް އެކޯޑްސްގެ ނަމުގައި، އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރިތާ އެންމެ 6 ވަރަކަށް މަސްދުވަސް ފަހުންނެވެ.

އެކުވެރި އަރަބި އިމާރާތުގެ އޮފިޝަލަކު ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއި ކުރީ ދެ ފަރާތުގެ އާންމުންނަށްވެސް ހުޅުވިގެންދާނެ ފުރުސަތުތަކަށް ބެލުމަށް ފަހުގައި ކަމަށާ، އެއްވެސް ހާލެއްގައި ވަކި ލީޑަރަކަށް މަންފާ ކުރުމަށް ނޫން ކަމަށެވެ. މި ފަދަ ގޮތަކަށް އެއްބަސްވުން ސިޔާސީކޮށް، ޒާތީ ކުރުމަކީ، ތާރީހީ އެއްބަސްވުމުގެ އަގު ވައްޓާލަނިވި ކަމެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

5 ވަރަކަށް ދުވަހުގެ ތެރޭގައި އިންތިހާބާ ކުރިމަތިލާން ޖެހޭ ނަތަންޔާހޫ ދަނީ، އަބޫދާބީ މެދުވެރިކޮށް އިސްރާއީލަށް ގެންނަ ތަރައްގީގެ ބިޔަ މަޝްރޫއުގެ ފަހަތުގައި ހުރީ އޭނާކަން ސިފަވާ ފަދަ ރޫހެއްގައި ކެމްޕޭން ކުރަމުންނެވެ.

އަބޫދާބީގެ އޮފިޝަލުން ވަނީ މިކަމާ ނުރުހުން ފާޅު ކުރައްވާފައެވެ.