ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ސޮއިކުރުމުގެ އެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދުގައި މިއަދު ސޮއިކުރެވުނު އެ އެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓާ ޑރ. އޭކޭ އަބްދުލް މޮމެންއެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެންއެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިން" ގައި ސޮއިކުރެއްވީ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލާއި، ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސްއެމް ރިޒާއުލް ކަރިމްއެވެ.
ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިޔުންނާއި ގުޅުން ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ އާދަކާދަ އާއި ސަގާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީއީޕީ) ފޯ 2022-2025 ގައި ސޮއިކުރެއްވީ ޝާހިދާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ އޮފް ކަލްޗަރަލް އެފެއާޒް ކޭއެމް ހާލިދުއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ބަންގްލަދޭޝްގެ ބޮޑުވަޒީރު އުޅުއްވާ އޮފީހުގައި ރައީސް ސޯލިހާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަކިން ބައްދަލު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެއަށްފަހު ދެ ގައުމުގެ ސަރުކާރުގެ މެދުގައި ދޭދޭ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވެސް ވާހަކަ ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައިސް އޮފީހުން ބުނެފައެވެ.