މަނީ ލޯންޑަރިން މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާއިން އެދިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓަރު، ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ވިދާޅުވީ އާއިލާގެ ފަރާތުން ރައީސް ޔާމީން ގެޔަށް ބަދަލު ކޮށްދިނުމަށް އެދިފައިވާ ކަމަށާއި ނަމަވެސް އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އާއިލައިން ހޯމް މިނިސްޓްރީ އަށް ހުށަހަޅާފައި މިވަނީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރަން ޖެހޭފަދަ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެތައް ފަހަރަކު ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލައިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.