ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާ ޙިލާފަށް ކަމަށް ބުނެ، އެމަނިކުފާނު މަގާމުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކައުންސިލަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރުގައި ބުނެފައިވަނީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން ކަމަށް ބުނެ ލީކު ކޮށްލާފައިވާ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލޭ ފަދަ އެތައް ކަމެއް ހިމެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގައި ރައީސް ސޯލިހުގެ ސީދާ ބައިވެރިވުން ހިމެނޭތީ، ގާނޫނު އަސާސީއާއި ހިލާފު މިފަދަ އެއްބަސްވުންތައް އުވާލުމަށާއި، ރައީސް ސޯލިހު މަގާމުން ވަކި ކުރަން، ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ގަރާރުގައި ބުނެއެވެ.

ހަމައެހެންމެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރުކުރާ މިފަދަ އެއްބަސްވުމެއް އެކުލަވާލައި އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދާ ހަމައަށް ހުށަހަޅާފައި ނުވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފައެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.

އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.