އުތުރު ތިލަފަޅު އެއްބަސްވުން ކަމަށް ބުނެ ދޮގު މައުލޫމާތު ދައުރުކުރި މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް އެމްޑީޕީ މެމްބަރުން ގޮވާލަައްވައިފިއެވެ
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ ދައުރުވަމުންދާ ލިޔުންތައް ލީކްކޮށްލި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ރަައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު އެމައްސަލައަށް ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އެއްވެސް ކަމެއް ސިޔާސީ ކުރަން އުޅުމުން ރަނގަޅު ނުވާނެ ކަމަށެވެ.
އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ، ހަލީމް ވިދާޅުވީ އެގްރިމެންޓެކޭ ބުނެ ފޭކް ޑޮކިއުމެންޓެއް ނެރެގެން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ނޫޅެވޭނެ ކަމަށެވެ.
އެމައްސަލާގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ އުމަރު ނަސީރަކީ މީގެ ކުރިން ވެސް ރާއްޖޭގެ ސަލާމަތީ ބާރުތައް ހިފުމަށް ގޮވާލައި އެފަދަ މަސައްކަތް ކުރި މީހެއް ކަމަށާއި މިފަދަ މީހަކު މުޖުތަމައުގެ ތެރޭގައި ދޫކޮށްފައި ބެހެއްޓުމަކީ އޮތް ނުރައްކަލެއް ކަމަށެވެ.
އޭގެ އިތުރުން އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ލީކް ކޮށްލައިގެން އުޅެނީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވެސް ނަސީރު ވަނީ ވިދާޅުވެފައެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ލީކް ކޮށްލި އެއްބަސްވުމަކީ ސައްހަ ލިޔުމެއް ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ، އެއީ އިންޑިޔާއިން އޭނާއަށް ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށާއި އެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެނެސްދޭނެ ކަމަށެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.
އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.