ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ 2020 އަހަރު 308 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ މަސައްކަތްތަކާގުޅޭ އަހަރީ ރިޕޯޓް އެޗްއާރްސީއެމް އިން މިއަދު އާންމުކޮށްފައިވާއިރު މިދިޔަ އަހަރު 627 މައްސަލަ އެއް އެކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެއީ ކޮމިޝަނުން އިސްނެގި 157 މައްސަލަ އަކާއި ކޮމިޝަނަށް ހުށަހަޅާފައިވާ 510 މައްސަލަ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން މިދިޔަ އަހަރު ނިންމާފައިވާ މައްސަލަތަކަކީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާއި 2015 ވަނަ އަހަރުން ފެށިގެން ހުށަހަޅާ ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 308 މައްސަލައެއް ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

މިދިޔަ އަހަރު އެޗްއާރުސީއެމްއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އާއިލާ ބިނާކުރުމުގެ ހައްގާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 75 މައްސަލައަކާއި އުނގެނުމުގެ ހައްގު ގުޅުންހުރި 3 މައްސަލަ އަކާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި 15 މައްސަލައެއް ހިމެނެއެވެ.

އޭގެ އިތުރުން ލާއިންސާނީ އަނިޔާއާއި ގުޅުންހުރި 54 މައްސަލައަކާއި ބޯހިޔާވަހިކަމާ ގުޅުންހުރި 16 މައްސަލަ އަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާ ގުޅުންހުރި 11 މައްސަލައެއް އަދި އިޖްތިމާއީ ހައްގުތަކާ ގުޅުންހުރި 56 މައްސަލައެއް ވެސް ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްކުރުމުގެ ހައްގާ ގުޅުންހުރި 102 މައްސަލައަކާއި ޝަރުއީ ދާއިރާގެ ހައްގުތަކާ ގުޅުންހުރި 32 މައްސަލައަކާއި ގައިދީންގެ ހައްގުތަކާ ގުޅުންހުރި 90 މައްސަލައެއް އަދި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި 35 މައްސަލައެއް ހިމެނެއެވެ.