އޭސީއެއް ހަރުކުރަން އުޅެނިކޮށް ވެއްޓި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ ގޯތި ތެރޭގައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ކްރިމިނަލް ކޯޓުގެ ގޯތި ތެރޭގައި އޭސީ ހަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ 2 މީހަކު އައުޓް ޑޯ ޔުނިޓާއެކު ޖަންގަކުން ވެއްޓިފައިވާ ކަމަށެވެ.

އަދި މި ދެ މީހުންނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާ ވެފައި ވަނީ ބިދޭސީ އަކަށާއި، ދިވެއްސަކަށް ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:35 ހާއިރެވެ.

އެކިއެކި މަސައްކަތް ކުރުމަށް ތަންތަނުގެ މައްޗަށް އަރާ އުޅެނިކޮށް ވެއްޓި މީހުންނަށް އަނިޔާ ވާ ހާދިސާާތައް ރާއްޖޭގައި ހިނގާލެއް މަދެއް ނޫނެވެ. އެގޮތުން ހަދަމުންދާ އިމާރާތްތަކުން ވެއްޓި، މީހުން މަރުވާ ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ. މީގެ އިތުރުން، އެކި މަސައްކަތް ކުރުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓޭ އެއްޗެހިން ޖެހިގެން ވެސް މީހުންނަށް އަނިޔާވެފައި އެބަ ހުއްޓެވެ.