ކޮވިޑް ރޯގާއިން ސަލާމަތްވުމަށް ވެކްސިން ނުޖެހުމުގެ ދެރައާއި ހިތާމަ އަދި އުނދަގޫ ތަޖުރިބާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އަވަހަށް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

އާޒިމް މިހެން ވިދާޅުވީ އޭނާ ޓްވީޓް ކުރެއްވި ވީޑިއޯއެއްގައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެ، އޭނާ އެ ބަލި ތަހައްމަލު ކުރައްވަމުން ގެންދަވާތާ މިއަދަށް 5 ދުވަސް ވެފައިވާ ކަމަށް އެ ވީޑިއޯގައި އޭނާ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ، ގަދަ ހުމާއި، ރޯގާގެ އިތުރުން ކޮވިޑްގެ އެހެނިހެން އަލާމާތްތައް ތަޖުރިބާ ކުރެއްވުމަށް ފަހު މިއަދަކީ ތަންކޮޅެއް ލުއި ދުވަހެއް ކަމަށެވެ.

އަޅުގަނޑުގެ އާދޭހަކީ ހުރިހާ ބޭފުޅުން އަވަހަށް ވަޑައިގެން ކޮވިޑް ވެކްސިން ޖެއްސެވުން، އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ. ރައްކާވެ ތިބިއްޔާ ދަތުރު.
އަލީ އާޒިމް

ހަރު ބަސްތަކަކުން މިސާލު ޖައްސަވާ، އާޒިމް ވަނީ ހުރިހާ އެންމެން ވެކްސިން ޖެހުމަށް އާދޭހާއެކު އެދިވަޑައިގެންފައެވެ. އާޒިމް ވަނީ، ކޮވިޑްގެ މަސައްކަތުގައި އުޅުއްވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން ސިއްހީ ހިދުމަތްތެރިންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރައްވާފައެވެ.

ހުރިހާ ރައްޔިތުން އަވަހަށް ވެކްސިން ޖެހުމަށް އާޒިމް އިލްތިމާސް ކުރައްވާފައި ވާއިރު، ކޮވިޑް ވެކްސިންގެ ފުރަތަަމ ޑޯޒް ޖަހަި ދިނުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ހޯމަ ދުވަހުގެ ފަހުން ވެކްސިންގެ ފުރަތަ،މަ ޑޯޒް ޖަހައި ދޭނީ 5 ކެޓަގަރީއަކަށެވެ. އެއީ:

  • ބަލިން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭ މީހުން (އުމުރުން ދުވަސް ވީ މީހުންނާއި، ބަލިތަކުގައި އުޅޭ މީހުން)
  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރު ކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރު ކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުން މިއެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލްގައެވެ.