އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެ ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމުގޮތުގައި ބޭނުން ކުރައްވާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހަބީބްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވި ކަމަށް ބުނާ ހަބަރާ ގުޅިގެން ރޭ އެ ކޮމިޝަނުން ކުއްލި ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ހަބީބު އާ ގުޅިގެން ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތް ނަމަވެސް އެފަދަ މައްސަލައެއް އޮތްނަމަ އެ މައްސަލަ ކަމަބޭހޭ ކޮމިޓީތަކަށް ހުށަހެޅުމަށް އެކޮމިޝަނުގެ މުވައްޒަފުންނަށް އެންގުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.
އޭގެ އިތުރުން ހަބީބު ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމުގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް މީޑިއާގައި ރިޕޯޓް ކުރުމާ ގުޅިގެން މައްސަލައިގެ ހަގީގަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން ހަބީބު އެ ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމުގޮތުގައި ބޭނުން ކުރެއްވުމުގެ އަމަލެއް ހިންގަވާފައި ނުވާކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.
ހަބީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް އޭސީސީން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަކީ ހަބީބު އާ ގުޅުން ހުރި ހައްޖު، އުމްރާ ގްރޫޕްއެއްގެ ޑޮކިއުމަންޓް ތަކެއް އީސީގެ ތެރެއިން ޕްރިންޓް ކުރި ކަމަށް ބުނާ ޝަކުވާއެކެވެ.