ސިފައިންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މިމަހު 8 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ސިފައިންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ، ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުން ކަމަށެވެ.

އެ ގޮތުން، ގާނޫނަށް އިތުރުކޮށްފައިވާ ދެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމާއި، ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައިސް އޮފީހުން ބުނީ ސިފައިންގެ ގާނޫނަށް މި ގެނައި އިސްލާހުގެ ސަބަބުން ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔާކުރެވޭނެ ގޮތްތަށް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

މި ބިލު ތަސްދީގު ކުރުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގާނޫނު ޝާއިއު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.