ދިވެހީންނަށް ރަޝިއާއަށް ދަތުރު ކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓު ތަކުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ރަޝިއާ އާ ދެމެދު ޖޫން 25، 2019 ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް ފޯ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޯ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް އަމަލު ކުރަން ފަށާފައިވަނީ ޖުލައި 25، 2019 ގައި ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، ކޮވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތުން މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ، ރަޝިއާ އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މި ކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެން ވުމާ އެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.