މާމިނގިލީގައި ހިންގާ ޕޯޓުން ދައުލަތަށް ކޮންމެ އަހަރު 8 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވެފައި ވަނީ އދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ މާމިނގިލީގައި ހިންގާ ވިޔަފާރި ބަނދަރަކީ އަމިއްލަ ފަރާތަކުން އަމިއްލަ ބޭނުމުގައި ހިންގަމުންގެންދިޔަ ތަނެއް ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޕޯޓު އެމްޕީއެލްގެ ދަށަށް ބަދަލުކޮށްފައިވަނީ ސިޔާސީ ސަބަބުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެެރިކަމާ ހަވާލުވެ މާމިގިލީ ޕޯޓް ކާމިޔާބު ކަމާއެކު ހިންގޭނެ ގޮތަކާއިމެދު އެމްޕީއެލްއާ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެއީ ކާމިޔާބު މަސައްކަތަކަށް ނުވި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކޮންމެ އަހަރަކު އެތަނުން ގެއްލުމުގެ ގޮތުގައި އަށް މިލިއަން ހަރަދުވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ގެންނަންޖެހޭ ކަމަށާއި އަދި އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.