ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ހައްލެއް ހޯދައި ދީ، މުޖްތަމައުގެ ސުލްހައާއި އަމާންކަން ކަށަވަރު ކުރުމަށްޓަކައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސް ބިލްޑާސް އެންޑް އޭޖެންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ އަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމައެއް، ދީން ހަތިޔާރަކަށް ހަދައިގެން ބައިބައި ކޮށްލުން ކަމަށެވެ.
މާރިޔާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ދިވެހިރާއްޖެއަކީ އަމާން، ސުލްހަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ގާއިމްވެފައި އޮންނަ ގައުމަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތުގައި މިހާތަނަށް ހާސިލް ކޮށްފައި ވާ ކުރިއެރުން ތަކުގެ މައްޗަށް ބައްލަވާ ލައްވާފައެވެ. މިގޮތުން، ކައުންސިލްތަކުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން 2 ފަނޑިޔާރުން އައްޔަން ކުރައްވާފައި ވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި މާރިޔާގެ އިތުރުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާއިޝަތު ދީދީގެ ވާހަކަގައި ވަނީ، ސުލްހަ ގާއިމް ކުރުމުގައި އަންހެނުން ބާރުވެރި ކުރުވުމުން އަނިޔާވެރިކަން ދުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ ހާސިލް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރި ކުރުވުމަކީ އިންސާނީ ސަލާމަތަށް ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި އެންމެ ފުރިހަމަގޮތުގައި އަންހެނުންގެ ބޭނުން ހިފުމަށް، އަންހެނުންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، ބާރުވެރި ކުރުވާ، އިޖްތިމާއީ އަދި ގައުމީ ފެންވަރުގައި ވެސް ސިޔާސަތުތައް ކަނޑައަޅާ ގޮތްނިންމުމުގައި އަންހެނުން ބައިވެރިވެ އިސްނެގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ވެސް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.
ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ވިދާޅުވީ އދ ގެ 17 ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސްގެ ކޮންމެ ލަނޑުދަނޑިއެއް ހާސިލްކުރުމުގައި ވެސް އަންހެނުންގެ މުހިއްމު ދައުރު ފާހަގަ ކޮށްފައިވާނެ ކަމަށެވެ.