ވަކި ތަނެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެ ކަމަށާއި ދޭން ޖެހޭނީ ބޭނުންޖެހިފަވާ މީހުންނަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުއްޖެއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކުރާ ފްލެޓުތަކުގެ މައްސަލައާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަވާ އުސޫލާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ވަކި ތަނެއްގައި މަސައްކަތް ކުރާތީ ބޯހިޔާވަޖިކަން ލިބެން ނުޖެހޭ ކަމަށެވެ.

އަދި މާލެ ފަދަ ބިމުގެ ދަތިކަން އިންތިހާއަށް އޮތް، އަދި އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމާއި ގޯއްޗަށް ބޭނުންވެފައި އޮތް ތަނެއްގައި، ވަކިވަކި ކުންފުނިތަކުން ނިޒާމުތަކާއި އުސޫލުތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓު ދިނުމުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ލިބެންޖެހޭނީ ޖުމްލަގޮތެއްގައި ރަށު ތެރެއަށް ބަލައިގެން، އެކަމަށް އެންމެ ބޭނުންޖެހިފަވާ މީހުންނަށް. އެއްވެސް ހާލެއްގަ ވަކި ތަނެއްގައި މަސައްކަތް ކުރާތީ ލިބިގެނެެއް ނުވާނެ. އެމީހަކު މަސައްކަތްކުރާ ތަނެއްގެ ސަބަބުން އެމީހަކަށް ވަކި ބޯހިޔާވަހިކަން ދޭންޖެހިގެނެއް ނުވާނެ،
އީވާ

އީވާ ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން އެންމެ ރަނގަޅަށް އެނގެން ޖެހޭނީ މާލޭ ސިޓީ ކައުންސިލަށް ކަމަށާއި، ކުންފުނިތަކުގެ ވެރިންނަށް އެކަން ނޭނގޭނެ ކަމަށެވެ. އެހެންކަމުން ވަކިވަކި ކުންފުނިތަކަށް ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ ކަމަށާއި ކޮށްފިނަމަ ބޯހިޔާވަހިކަން އެންމެ ބޭނުން މީހާ ބާކީވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި ކުންފުނިތައް "ވަކި ދައުލަތެއްގެ" ގޮތުގައި ހިންގަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ސްޓާފް ހައުސިންގެ ތެރެއިން ސްޓެލްކޯގެ ސްޓާފުންނަށް 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރަން ހަވާލުކުރިއެވެ. 349 އެޕާޓްމަންޓަށް މިހާރު މަދުކޮށްފައި ވަނީ ސަރުކާރުން ކަނޑައަޅާ އަގެއްގައި ސަރުކާރަށް ވިއްކަންޖެހޭ ކަމަށް ކަނޑައެޅި އެއް ކޮޓަރީގެ 72 އެޕާޓްމަންޓު ނުގަންނަން މި ސަރުކާރުން ނިންމުމާއެކު، ބައެއް ތަންތަން ދެ ކޮޓަރީގެ ތަންތަނަށް ބަދަލު ކުރުމުންނެވެ.