ކުރީގެ މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަަމަށް ނިންމާ އޭނާ މަގާމުން ވަކިކުރުމާއެކު އިދިކޮޅު ކޯލިޝަންގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެގޮތުން މަލީހު ވަނީ އިއްޔެ ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕޭން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މާލެ އާއި ފުވައްމުލަކު ސިޓީގައި އެކުއެކީ ބޭއްވި މިބައްދަލުވުމުގައި މަލީހުގެ ބޭބެ އަދި ކުރީގެ ނައީބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

އިތުބާރު ނެެތްކަމުގެ ވޯޓަކުން މަލީހު މަގާމުން ދުރުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ވޯޓުގައި އެމްޑީޕީގެ މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވިއެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށް ޖަވާބު ދާރީވާން މަލީހަށް 30 މިނެޓުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައި ވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފާނެކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށެވެ.

މަލީހަކީ 2013 ވަނަ އަހަރުވެސް ޕީޕީއެމްގެ ރިޔާސީ ކެންޕެއިންގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރަކީވެސް މަލީހެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މަލީހު މަގާމުން ދުރުކުރިއެވެ.