ރާއްޖޭގެ ސިޔާސީ މައި 2 ފިކުރާ މެދު އެތައް ބަޔަކު މާޔޫސްވެފައި ވާ މި ދަނޑިވަޅަކީ، ސިޔާސީ އާ ފިކުރަކަށް ނުވަތަ އާ ހިޔާލަކަށް އިންތިހާއަށް ބޭނުން ވަގުތެކެވެ. އަދި އެކަމަށް ޖާގަވެސް އެބައޮތް މެއެވެ.

ސިޔާސީ ގޮތުން ތޮށިގަނޑު ފަޅާލާފައި އެތައް ބަޔަކު ނުކުންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ގަޓާ އެކު އެކަން ކޮށްލަން ކެރުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. "ދިވެހި ނެޝަނަލް އެކްޝަން" ގެ ނަމުގައި ސިޔާސީ ހަރާކާތެއް ފައްޓަވާ ވާހަކަ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފެއްޓެވުމާއެކު އެތައް ބައެއްގެ މާޔޫސްކަން ނިމުމަކަށް އައީ ކަަމަށް ބެލެވުނެވެ.

އުމަރުގެ ޑީއެންއޭ ލޯންޗްކުރުމުގައި ބައިވެރިވި ފަރާތްތައް

އުމަރުގެ ޑީއެންއޭ (ދިވެހި ނެޝަނަލް އެކްޝަން) ލޯންޗް ކުރާ ހަފްލާ ބަލަން އަޅުގަނޑުވެސް އިނީ އެ އުއްމީދުގައެވެ.

ޑީއެންއޭ ލޯންޗް ކުރިތާ ހަފްތާއެއް ވާން ދާއިރު، ޑީއެންއޭގެ ވާހަކަ ދައްކާ ނުލައި މަޑުން މިހުންނަނީ، ޑީއެންއޭ އާ މެދު އާންމުން ކިޔާ އެއްޗެއް އަޑުއަހާލައި، ލިޔާ އެއްޗެއް ކިޔާލާށެވެ.

ޑީއެންއޭ އާ މެދު ކޮމެންޓް ކުރި އެންމެން ފަދައިން އަޅުގަނޑަށްވެސް ދަންނަވަން ޖެހެނީ އުމަރުގެ ޑީއެންއޭ ވައިގައި ނުހިފި ކަމަށެވެ.

"އެ ނުހިފާނެ ވަޔަކު މިހާރު، ފުރަތަމަ އޭގައި އެ އުޅޭ މީހުންނަށް ބަލާބަލަ، ހުސް ހައްޕުނޑު، މަ ހިއެއް ނުކުރަން އެކަހަލަ ބަޔަކު ލައިގެން ކަމަކަށް އުމަރު އެއުޅެނީ"
އާންމު ރައްޔިތެއް

ޑީއެންއޭ ލޯންޗް ކުރާ ހަފްލާ އަޅުގަނޑުވެސް ބެލީމެވެ. ސްޓޭޖް މަތީގައި ހުރީ ހުސް ޕޯޑިއަމެކެވެ. ތައާރަފު ކުރަން ތިބި 2 މީހުން ފަހަރަކު މީހަކަށް ގޮވީމައި އެމީހަކު ސްޓޭޖަށް އަރައެވެ. އެންމެ ފަހުން ސްޓޭޖަށް ވަޑައިގަތީ އުމަރެވެ. އޭގެ ކުރިން ދިޔަ 6 ބޭފުޅުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ނޫނީ ދެން ތިބީ ސިޔާސީ ގޮތުން ހުސް ރޮނގާއްޔޭ ދެންނެވިދާނެއެވެ. އަމުދުން ކަމުދާ ވާހަކައެއް ވެސް ނުދައްކައެވެ. ނުވެސް ދެއްކެއެވެ.

އެއީ ތެދެކެވެ. އެމީހުންގެ ވާހަކައިން ވާހަކަ ދައްކަން އުޅުނީ ކޮން މައުޟޫއަކަށް ކަމެއް ކޮން މިސްރާބަކަށް ކަމެއް ސާފެއް ނުވިއެވެ. ވަށާ ޖެހޭ ވާހަކައެއް ނުދެއްކެއެވެ. އެވާހަކަތަކުން މީހުން އިތުރަށް ފޫހިވުން ނޫން ކަމެއް ނުވިއެވެ.

އުމަރާއި ދުންޔާގެ ވާހަކައިގައި އޮއްޓަރު ހުއްޓެވެ. ގައުމުގައި ހުރި މުހިންމު މައްސަލަތަކަށް އަލިއަޅުއްވާ ލެއްވިއެވެ. ސީރިއަސް އެތައް ވާހަކައެއް ދެއްކެވިއެވެ. މަސްތުވާތަކެއްޗާއި، މިނިވަންކަމާއި، ގައުމިއްޔަތާއި، ދީނާއި އިޖުތިމާއީ ކަންކަމުގެ ވާހަކައެވެ. ދިވެހިން ސީރިއަސްކޮށް ވިސްނަން ޖެހޭ މުހިންމު ވާހަކަތައް ދެއްކެވިއެވެ.

ނަމަވެސް އެ ހުރިހާ ވާހަކައެއް ނަފީވެ މީހުން ފޫހިވީ، އުމަރުގެ ޓީމު (ޑީއެންއޭ) ގެ ރިބަން ކަނޑާލި ހަފްލާގައި އިލްމެއް އޮއްޓަރެއް ހުރި މީހަކު ނެތީމައެވެ. ގިނަ ބަޔަކު އުންމީދު ކުރީ އުމަރުގެ ޓީމުގައި އިލްމީ، ގިނަ މޫނުތަކެއް ހިމެނޭނެ ކަމަށެވެ.

"މީހުން ކިޔާތީ އެހިން، ޑރ. ޑީޑީއާއި، ކެޕްޓަން އިހުސާނަކާ، ކޮންމެސް ޝޭހުންތަކަކާއި އެހެން ގޮސް އުމަރާއި، ދުންޔާއާއި، އެމެޓީ ސޭޓް ދަރިއަކާ އުޅެޔޭ، ދެންވެސް ހަރުކުލައިގެ ވަރުގަދަ މޫނުތަކެއް ފެންނާނޭ. އެހެނެއް ނޫން ދެއްތީ މި ވީ. އެއަކު ނެތް ހަމަ އެކައްޗެއް ވެސް"
އާންމު ރައްޔިތެއް

ޑީއެންއޭއަށް ހަފްތާއެއް ވާން ދާ އިރު، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޑީއެންއޭ ލޯންޗް ކުރި ހަބަރަށް ކިޔުންތެރިން ކޮށްފައި ހުރީވެސް 99 ޕަސެންޓް ނެގެޓިވް ކޮމެންޓެވެ. ސައިހޮޓާ، ކެފޭތަކަށް ވަންނަ ބައެއް މީހުން ކުރެން އަހާލިމާވެސް ބުނީ، "އޭގައި ކަމެއް ނެތް" ކަމަށެވެ. "އޮއްޓަރެއް ހުރި މީހަކު ނެތް" ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލު ކޮށްލައި އާ އުއްމީދީ ވާހަކަތަކަށް ކުރި އިންތިޒާރުގައި އަދި އާރުލާ ގޮތެއް ނުވެއެވެ. މިހާރު އޮތް މައި 2 ފިކުރު ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމްގެ ފިކުރާ ތަފާތު މޭވާއެއް ލިބޭތަނެއްވެސް އަދި ނުފެނެއެވެ. ޑީއޭންއޭއާ ގުޅޭ ހަބަރުުތަކުގެ ކޮމެންޓްތައް ކިޔާލުމުން ދިރުމެއް އަމުދުން އޮތް ކަމަކަށް ދެންނެވޭކަށް ނެތެވެ.