ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 138،827 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ވެކްސިން ޖަހާފައި ވަނީ 1703 މީހުންނެވެ. އެއީ ހައްތަހާ ވެސް އަތޮޅުތެރޭގައި ހުރި ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު އަތޮޅުތެރޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 53،936 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި މިއަދު ވެކްސިން ނުޖެހި ނަމަވެސް މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު 84،891 އަށް ވަނީ އަރާފައެވެ. މާލެ ސަރަހައްދުގެ 8 ވެކްސިނޭޝަން ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާއިރު، އަތޮޅުތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް އެބަދެއެވެ. އަދި މޮބައިލް ކޮށް ވެކްސިން ޖަހަމުންދާ 2 ޓީމެއްވެސް މާލެ ސަރަހައްދުގައި ހަރަކާތްތެރި ވެއެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރޭގައި މާލެއިން ވެކްސިން ޖެހި ބަޔަކު ހިމެނިފައި ނުވަނީ، މާލޭގައި ހުކުރު ދުވަހު ވެކްސިން ޖެހުން ކުރިއަށް ނުދާތީއެވެ. މިހާރު މާލެ ސަރަހައްދު، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

ކޮވިޑް ވެކްސިން ޖަހަން އެޗްޕީއޭއިން ގޮވާލާ އިރު، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށާއި އެކަމަށް އެންމެން ސަމާލު ވުމަށް އެޗްޕީއޭއިން ބުނެއެވެ.

މި ދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ވެކްސިން ޖަހަން ފެށީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން އެފްޑީއޭއިން އެޕްރޫވް ކުރުމާއެކުއެވެ. އޭރު އިންޑިއާއިން ހަދިޔާކުރި ކޮވިޝިލްޑްގެ އެއް ލައްކަ ޑޯޒްގެ ވެކްސިން ހުސްވެފައިވާއިރު، ފަހުން ހަދިޔާ ކުރި އެއް ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރައްޔިތުން ގަޔަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ރާއްޖޭގައި ޖަހާފައި ވަނީ ހަމައެކަނި ކޮވިޝީލްޑް ވެކްސިނެވެ.