ދުވަހަކު ވެސް ހަރުކަށި ކަމަކަށް ނުވަތަ ހަމަނުޖެހުމަކަށް ގޮވާލާފައި ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އާޒިމްގެ ޓްވީޓުގައި ވަނީ ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރައްވާ ޑރ. އިޔާޒް ފަދަ "މުނާފިގުން" ހައްޔަރު ކޮށް، އެކަހެރި ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ޑރ. އިޔާޒް ދޫކޮށްފައި ބަހައްޓައިފި ނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލައްވަފާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން، އާޒިމަށް ރައްދު ދެއްވާ ޑރ. އިޔާޒް ވިދާޅުވީ ދުވަހަކުވެސް އާޒިމް އެ އިޝާރާތް ކުރައްވާފަދަ ހަރުކަށި ކަމަކަށް ނުވަތަ ހަމަނުޖެހުމަކަށް ގޮވާލައްވާފައި ނޯންނާނެ ކަމަށެވެ.

ދަންނަވާ އަލީ އާޒިމް ގާތު އަޅުގަނޑު ބުންޏޭ، ވަރިހަމައޭ ހައްޔަރު ކުރިއަސް، ކެރެންޔާ ކޮށްބަލާށޭ. އެކަމަކު އަޅުގަނޑާ އެކު މަނިކުފާނު (އާޒިމް) ވެސް ވާނޭ އެއް ގޮޅިއަށް ވަންނަން
ޑރ. އިޔާޒް

ޑރ. އިޔާޒް ވިދާޅުވީ، އޭނާ ހައްޔަރު ކުރިއަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ހައްޔަރު ކުރާ ނަމަ، އޭނާއާއެކު އެއް ގޮޅިއަކަށް އަލީ އާޒިމް ވެސް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ޑރ. އިޔާޒް އިތުރަށް ވިދާޅުވީ އޭނާއަށް ފާޑު ކިއުން އަމާޒުވެފައި ވަނީ ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލާގައި ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ވަކާލާތު ކުރައްވާ މައްސަލައިގައި، އޭނާއާ އިދިކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅުން، އެންމެ ހުއްޖަތެއް ދެއްކެވި ނަމަވެސް ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅަށް އޭނާ (އިޔާޒު) ވާހަކަ ނުދައްކަވާނެ ކަމަށެވެ. އަދި އެވާހަކަ އިސްލާމިކް މިނިސްޓަރު އަރިހުގައިވެސް ދަންނަވާފައި ވާނެކަމަށްވެސް އިޔާޒު ވިދާޅުވިއެވެ. އިޔާޒު ވިދާޅުވީ، އެ ބޭފުޅުން ވިދާޅުވަނީ އެހެން ގައުމުތަކުގައި ވެސް މިކަން (ގައިދުރުކޮށް ނަމާދު ކުރުން) ކުރާ ކަމަށާއި، އެއީ އެކަން ރަނގަޅު ވުމުގެ ހުއްޖަތެއް ނޫން ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ ސައުދީ އަރަބިއްޔާގައި ގައިދުރުކަން ގެންގުޅެނީ ހަމައެކަނި ނަމާދުގައި ނޫން ކަމަށާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ގައިދުރުކަން ގެންގުޅޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ހުރިހާ ތަނެއް އޮންނަނީ ތޮއްޖެހިފައި ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ދަރިފުޅު ސައިކަލު ފަހަތަށް ލައިގެން މިސްކިތަށް ގޮސް، މިސްކިތުގައި ކޮވިޑް ޖެހިދާނެތީ ދަރިފުޅު ދުރަށް ލުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކޮވިޑް ޖެހޭތީ ކަމަށް ބުނެ މިސްކިތްތަކުގައި ގައިދުރުކުރަން ބުނާ އިރު، ކެފޭ ރެސްޓޯރަންޓުތަކާއި، ޕާކުތަކާއި، އެކިއެކި ކުޅިވަރު ކުޅޭ ތަންތާނގައި މީހުން ތިބޭ ވަރާއި ތިބޭ ގޮތް ބަލަން ޖެހޭ ކަމަށެވެ.

"މިސްކިތުގައި މި ވަނީ 8-10 ވަރަކަށް މިނެޓް، މާސްކް އަޅައިގެން މިސްކިތުގައި ގައިދުރު ކުރަން އަންގާ އިރު، ފްޓްބޯޅަ ކުޅުންފަދަ ކަންކަން އެ ކުރަނީ ގަޑި ދެގަޑިއިރު، މާސްކެއްވެސް ނާޅާ، އެކަކު އަނެކަކު ގައިގާވެސް ޖެހޭ، ދެން ކެފޭ ތަކާއި ރެސްތޯރަންޓުތަކާއި ޕާކުތައް ތިބޭފުޅުން ބައްލަވާ"
ޑރ. އިޔާޒު

ޑރ. އިޔާޒު ވިދާޅުވީ، ކޮންމެ ފިޔަވަޅެއް ކޮންމެ މީހަކު އެޅިޔަސް، މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވާނެ ކަމަށާއި، އެވާހަކަ ދައްކަނީ ގައިދުރުކޮށް ނަމާދު ކުރުމަކީ އެންމެ ހެޔޮ ގޮތް ކަމަށް ނުވާތީ ކަމަށާއި، ގައިދުރުކޮށް ނަމާދު ކުރުމަށް ވުރެ ދީނުުގައި އަންގަވާފައި އޮންނަ ގޮތަށް ގައިގޯޅިކޮށް ސަފު ހެދުމުން ލިބޭ ދަރުމަ އާއި ސަވާބު ބޮޑުވާނެތީ ކަމަށެވެ.