އިދިކޮޅު ޕީޕީއެމުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ޕީޕީއެމުން މުޒާހަރާ ކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެންނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ނިކުތީ، އާންމުކޮށް އެ ޕާޓީގެ މުޒާހަރާތައް ބާއްވާ، އެ ޕާޓީގެ އޮފީސް ހުންނަ ސަރަހައްދާއި، އެ އޮފީހަށް ދާން އޮތް ހުރިހާ މަގެއް ފުލުހުން ބަންދު ކޮށްފައި ވަނިކޮށެވެ.

މިއަދު ހަވީރުއް ސުރެ ކުރަމުންދާ މުޒާހަރާގައި 38 މީހަކު ހައްޔަރު ކޮށްފައި ވާއިރު، އިދިކޮޅުން ދަނީ މިހާރު ވެސް މުޒާހަރާ ކުރަމުންނެވެ.

މާޗް 5: ޕީޕީއެމް މުޒާހަރާގެ ތެރެއިން

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެކެވެ. އެގޮތުން އެއްވުންތަކާއި މުޒާހަރާތައް އަދި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައި ވާއިރު، މާލޭ މަގުމައްޗަށް އެއްފަހަރާ ނިކުމެ އުޅެވޭނީ 5 މީހުންނަށް ކަމަށް ވަނީ ނިންމާފައެވެ. ކަން މިހެން އޮތް ނަމަވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.

އެހެން ކަމުން ފުލުހުން ވަނީ މިފަދަ އެއްވުންތަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ފުލުހުން ވަނީ ކުރިއާލާ އިންޒާރު ދީފައެވެ.