ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، އާންމުތަނެއްގައި ހަދިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ، އެ މައްސަލާގައި ޖަވާބު ދާރީ ވުމުގެ ފުރުސަތު އަދުރޭއަށް ދީފައެވެ. މިއަދުގެ އަޑުއެހުމުގެ ދައުވާއަށް އިންކާރު ކުރެއްވުމުގެ އިތުރުން އޭނާގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ.

ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމަށް އަދުރޭއަށް އަންގާރަ ދުވަހާ ހަމައަށް ފުރުސަތު ދީފައި ވާއިރު، ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅާކަށް ދައުލަތުގެ ފަރާތުން އެދިފައެއް ނުވެއެވެ.

އަަބްދުއްރަހީމް އަށް ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރި މައްސަލާގައި އެމަނިކުފާނަށް ހުކުމް އިއްވުން ނޮވެމްބަރު 28، 2019ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، މަގުމަތީގައި އޮތް މުޒާހަރާ އެއްގެ ތެރެއިން ހަޑި ހުތުރު ބަސް ބޭނުން ކުރެއްވުމުންނެވެ. އެގޮތުން އޭނާ ވަނީ އަޑުގަދަކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުން ކުރައްވާފައެވެ.

އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ އޮކްޓޯބަރު 26، 2020 ގައެވެ.