މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އާ ހަވާލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮމިއުނިކޭޝަންސް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވާ ފައިވާ ކަމަށެވެ.

މި ބަދަލު ގެންނަވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ފާސްކުރައްވާފައި ވާތީ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ މަގާމުން މަލީހް ވަކިފެފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މިއަދު ނެގި ނެގި ވޯޓުގައި އެމްޑީޕީގެ މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވިއެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށް ޖަވާބު ދާރީވާން މަލީހަށް 30 މިނެޓުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައި ވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފާނެކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށެވެ.

އަދި ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މިނިސްޓަރު މަގާމު ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ.

މިއީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މިނިސްޓަރަކު ބޭރު ކުރި ފުރަތަމަ ފަހަރެވެ.