އައްޑޫ ސިޓީ މީދޫގެ ހުރިހާ ގެއަކުން ސާމްޕަލް ނަގަން ނިންމައިފިއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ މީދޫގައި ކޮވިޑް ފެތުރެމުންދާ މިންވަރު ބެލުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މީދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނެއެވެ.

މިއީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ކުރަމުން ގެންދާ ވަރަށް މުހިންމު މަސައްކަތަކަށް ވާތީ، ސާމްޕަލް ދިނުމުގައި އެންމެންވެސް އެއްބާރުލުން ދިނުމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި 2 މީހަކާ އެކު މިހާތަނަށް އައްޑޫއިން ކޮވިޑަށް 91 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން ޕޮޒިޓިވް ވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 472 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި މިހާތަނަށް އައްޑޫގައި 206 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 22 މީހުން، މީދޫއިން 13 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 17 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓަކުން 35 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. 35 އެކްޓިވް ކޭސް ހިމެނޭއިރު، މިހަތަނަށް 56 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.