މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަަމަށް ނިންމާ އޭނާ މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މިއަދު ނެގި ނެގި ވޯޓުގައި އެމްޑީޕީގެ މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވިއެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވިއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށް ޖަވާބު ދާރީވާން މަލީހަށް 30 މިނެޓުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައި ވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފާނެކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށެވެ.

އަދި ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މިނިސްޓަރު މަގާމު ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ.

މިއީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މިނިސްޓަރަކު ބޭރު ކުރި ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހުގެ ކޯލިޝަން މިނިސްޓަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައިނުވުން ފަދަ މައްސަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.

މި ސަރުކާރު ކޯލިޝަންގެ މިނިސްޓަރަކު މަގާމުން ވަކިކޮށްފައި ވާއިރު، ރައީސް ސޯލިހުގެ ފުރަތަމަ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި ވަޒީރުންގެ ތެރެއިން ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވެވީ ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް އެ މައްސަލަ ވައްދާ ވޯޓަށް އެހުމާ ގާތްވެފައިވާ ވަނިކޮށެވެ.

އޭގެ ފަހުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރާއި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެއަށްފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އޭނާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މަލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވެވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އާއިލީ ބޭފުޅެކެވެ. ރައީސް ޔާމީންގެ ކެބިނެޓުން މަލީހު ވަކި ކުރީ މޭ 20، 2015 ގައެވެ.