އިންޓަނެޓްގެ ސްޕީޑު ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕީޑުގައި ކަމަށް ވިދާޅުވެ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިންޓަނެޓްގެ ސްޕީޑު ހުރީ ވަރަށް "ސްލޯ" ކޮށް ކަމަށައި އެއީ ރައީސް ސޯލިހްގެ ވަރިކަމަކީ ލަހުން ކަންކަންވާ ވެރިކަމަކަށް ވަތީ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު މި ދަންނަވަނީ އިންޓަނެޓްގެ ސްޕީޑު އެ ހުރީ ސޯލިހްގެ ސްޕީޑުގައޭ، ސޯލިހަކީ ސްލޯ ބޭފުޅެއް، ސްލޯ ސްޕީޑުގަ އިންޓަނެޓް އެ ހުރީ، އެއީ ހަގީގަތަކީ"
ޝިޔާމް

އެ މައްސަލައިގައި ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން މަތިކުރީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް ނޫންކަމަށެވެ. ވެރިކަމަށް ހޮވީ ރައީސް ސޯލިހް ކަމަށާއި، އެހެންނަމަވެސް މައިމޫނާ އަށް ހުރިހާ ޒިންމާއެއް ހަވާލު ކޮށްފައި ވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މުޅި ދައުލަތް ފެއިލްވެގެން ދާއިރު ކޮވިޑަށް ތިން ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާކަމަށެވެ.