ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ` ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރެޖިސްޓްރާ ނިންމައިފިއެވެ.

ހައިކޯޓުން ބުނީ، އެ އަމުރު އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ހުށަހެޅީ ފެބުރުއަރީ މެދު ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގަންނަން ނިންމީ އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީ އޮފީހުން މައްސަލަ ހުށަހަޅާފައި ވާތީ ކަމަށް ހައިކޯޓުން ބުނެއެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ ކަމަށް ހައިކޯޓުން ބުނެއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާ އިރު އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.

މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައި އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާފައިވާ ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.