ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތަކަކާ ގުޅިގެން ނިއުޒީލަންޑްގެ އެންމެ ބޮޑު ސިޓީ އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.

މިއީ މި ފެބުރުއަރީ މަހު، އޯކްލަންޑް ލޮކްޑައުން ކުރި 2 ވަނަ ފަހަރެވެ.

7 ދުވަހުގެ މުއްދަތަށް އޯކްލަންޑް ލޮކްޑައުން ކޮށްފައި މިވަނީ، ނިއުޒީލަންޑުން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓް ކުރިތާ ބަރާބަރު 1 އަހަރު ފުރުނު ދުވަހުއެވެ.

އޯކްލަންޑް ލޮކްޑައުން ކޮށްފައި ވަނީ، މީގެ ކުރިން ފެނުނު ކޭސްތަކާ ގުޅުމެއް ނެތް ކޭސްތަކެއް ފެންނަމުން ދާތީކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ފެންމަތިވެގެން އުޅޭ ކޭހަކީ، އުމުރުން 21 އަހަރުގެ ޕޭޝަންޓަކާ ގުޅޭ ކޭހެކެވެ. ތައުލީމު ހާސިލު ކުރަމުންދާ އެ ޒުވާނާ ކޮވިޑް-19އަށް އިންފެކްޓްވިތާ ހަފުތާއެއް ފާއިތުވީ ނަމަވެސް، އޭނާ ހުރީ އައިސޮލޭޝަންގައި ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ މެދަކާ ހިސާބުގައި އޯކްލަންޑުން ފެނުނު ކޭސްތަކާ ގުޅިގެން 3 ދުވަހަށް ލޮކްޑައުން ކުރިއިރު، މި ކްލަސްޓާގެ 14 ކޭހެއް ވަނީ ފާހަގަ ކުރެވިފައެވެ.

ނިއުޒީލަންޑުން ކޮވިޑް-19ގެ ކޭސް ފެންނަ ވަރަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބައެއް މީހުން ފާޑުކީ ނަމަވެސް، ހަލުވި ދުވެލީގައި ތަންފީޒު ކުރާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، މި ބަލިމަޑުކަމުގައި އެ ގައުމުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.