މިއަދު ހަވީރު ހަބަރު ތަކުގެ ފަލަ ސުރުހީ ތަކަށް އަރައިގެން ދިޔައީ ޏ. ފުވައްމުލަކު ނައިބް ތުއްތު މަގުގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ގަސްތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ ޒުވާނަކު މަރުވި ކަމުގެ ހަބަރުތަކެވެ.

މި އެކްސިޑެންޓާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ މިއަދު އެ ރަށުގައި ހިނގި އެކްސިޑެންޓްގައި މަރުވި ދެ ޒުވާނުން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަރަށް ސީރިއަސް އަނިޔާ ތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކަނދުރާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ފުރަތަމަ ގެންދިޔަ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔުމުން މަރުވި ކަމަށް ނިންމާފައި ވަނީ 4:56 ގައި ކަމަށާއި ދެވަނަ ޒުވާނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމާފައި ވަނީ 5:04 ގައި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހެއް
ހަށިގަނޑުގެ އެކި ތަންތަނަށް ސީރިއަސް އަނިޔާތަކެއް ލިބިފަ ހުރީ، ބޮޑަށް ހުރީ ކަނދުރާމައްޗަށް، ފުރަތަމަ ގެނައި ޒުވާނާ 16:56ގަ ޑޮކްޓަރުން ވަނީ މަރު ޑިކްލަޔާ ކޮށްފަ، ދެވަނަ ޕޭޝެންޓް 17:04ގަ
ހޮސްޕިޓަލް މެނޭޖަރު

މުޅި ކާރު ފުނޑުފުނޑުވެ، ހިނގި ނުރައްކާތެރި އެ އެކްސިޑެންޓްގައި އޭގެ ތެރޭގައި ތާށިވެ މަރުވެފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެއީ ދޫޑިގަން އަވަށު، ކޯންސްލީޓް، އަލީ އާމިލް އަހްމަދު، 19އ އާއި ފުނާޑު، ކަޕްރި، އަހުމަދު މުތީއު 24އ އެވެ.

މިއަދުގެ އެކްސިޑެންޓްގައި ނިޔާވި މުތީއު އަކީ މީގެ 4 އަހަރު ކުރިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނެކެވެ.

އެ އެކްސިޑެންޓްގައި އޭނާގެ ފުއްޕާމެއަށް ލޭ އެޅި ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާ މެދު ޑޮކްޓަރުންވެސް އުއްމީދު ކަނޑާލިއެކެވެ. ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި މުތީއުގެ ފުއްޕާމެއަށް އަނިޔާވުމުގެ އިތުރުން ވާތު ކޮނޑު ކަށިގަނޑާއި ވާތު ފައިވެސް ބިނދުނެވެ. އަދި ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާވިއެވެ.

ޏ. ފުވައްމުލަކުގައި ހިނގި ކާރު އެކްސިޑެންޓްގައި ނިޔާވި އަހުމަދު މުތީއު (24އ) 2017 ވަނަ އަހަރިު ހިނގި އެކްސިޑެންޓްގައި އޭޑީކޭގައި ފަރުވާދެނީ / ފޮޓޯ: މިހާރު

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އޭރު ބަދަލު ކުރީ މާލެ އަށެވެ. އައިޖީއެމްއެޗަށް ގެނެސް އޭނާއަށް އިތުރު ފަރުވާއެއް ދެވެން ނެތުމުން އޭޑީކޭއަށް ބަދަލު ކުރިއެވެ. ނަމަވެސް އޭޑީކޭއަށް ބަދަލު ކުރުމަށްފަހުވެސް މުތީއުގެ ހާލު ރަނގަޅު ނުވުމުން އެންމެ ފަހުން ވެންޓިލޭޓަރަށްވެސް ލިއެވެ.

ޏ. ފުވައްމުލަކުގައި ހިނގި ކާރު އެކްސިޑެންޓްގައި ނިޔާވި އަހުމަދު މުތީއު (24އ) 2017 ވަނަ އަހަރު ހިނގި އެކްސިޑެންޓްގައި ފަރުވާ ހޯދުމަށް ބޭރަށް ގޮސް / ފޮޓޯ: ސޯޝަލް މީޑިއާ

އެފަހުން އޭޑީކޭއިން ކުރި ގިނަ އޮޕަރޭޝަން ތަކަކާ އެކު އޭނާގެ ހާލު ރަނގަޅުވެ އާންމު ދިރިއިޅުމަށް ރުޖޫއަ ވެފައިވީ ނަމަވެސް މިއަދު އޭނާ ވަނީ އެފަދަ ދެވަނަ ހާދިސާއެއްގައި މި ދުނިޔެ ދޫކޮށްފައެވެ.