ޏ. ފުވައްމުލަކުގައި ހިނގި ކާރު އެކްސިޑެންޓްގައި އަނިޔާވި 2 މީހުން މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުވައްމުލަކު ކައުންސިލުން ބުނީ އެ ހާދިސާގައި އަނިޔާވި ދެ ޒުވާނުން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައި ވަނީ ވަނީ ހަވީރު 4:56 ގައި ކަމަށެވެ. އަދި ކާރުގައި ދެން އިން ޒުވާނާ މަރުވެފައި ވަނީ 05:04 ގައި ކަމަށެވެ. އަދި އެ ދެ ޒުވާނުން އެކްސިޑެންޓް ވެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައިވަނީ އަލީ އާމިލް އަހްމަދު (19އ) އާއި އަހުމަދު މުތީއު (24އ) އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ އެ ދެ ޒުވާނުން ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ގަސްތަކެއްގައި ޖެހިގެންނެވެ.

އެ ކާރު ދުއްވި ވަގުތު ކާރުގައި ތިބީ އެ ދެ މީހުން ކަމަށާއި އެކްސިޑެންޓް ވީ ވަގުތު އޭގެ ތެރެއިން އެކަކު ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކާރުގައި ދެން އިން މީހާ އެކްސިޑެންޓްގެ ފަހުން ކާރުގައި ތާށިވި ކަމަށާއި އޭނާ ފަހުން ނަގައިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ފުވައްމުލަކު ނައިބު ތުއްތު މަގުގައެވެ.