އުމުރުން އެންމެ 15 އަހަރުގައި އިނގިރޭސިވިލާތް ދޫކޮށް، ހައްދު ފަހަނައަޅާފައިވާ އައިސިސް ހަނގުރާމަވެރިންނާ ގުޅުމަށް ސޫރިއާއަށް ދިޔަ ޝަމީމާ ބޭގަމް އަށް އިނގިރޭސިވިލާތަށް އެތެރެ ނުވެވޭނެ ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ބުނެފިއެވެ.

ޝަމީމާ އިނގިރޭސިވިލާތަށް އެތެރެވުމަށް މަސައްކަތް ކުރަމުން ދަނީ، ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ، އޭނާގެ ރަށްވެހިކަން ބާތިލުކޮށްފައި ވާއިރު، އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމަށެވެ. ޝަމީމާގެ ރަށްވެހިކަން ބާތިލު ކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އުމުރުން މިހާރު 21 އަހަރު ފުރިފައިވާ ޝަމީމާ ބަންދު ކޮށްފައި އިނީ ސޫރިއާގެ ޑިޓެންޝަން ކޭމްޕެއްގައެވެ. އިނގިރޭސިވިލާތުގެ އިސްތިއުނާފީ ކޯޓުން މީގެ ކުރިން ވަނީ، ޝަމީމާގެ ރަށްވެހިކަން ބާތިލު ކުރި މައްސަލަ، އިންސާފުވެރިކޮށް ކުރިއަށް ގެންދެވޭނީ، އޭނާއަށް އިނގިރޭސިވިލާތަށް އެތެރެވިވެގެން ކަމަށް އެއްބަސްވެފައެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ އެންމެ މަތީ ކޯޓުން މިހާރު ވަނީ މި ނިންމުން ބަދަލު ކޮށްފައެވެ. ރަށްވެހިކަން ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރި ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތަށް އެތެރެވާން ފުރުސަތު ނެދެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ޝަމީމާގެ ރަށްވެހި ކަމުގެ މައްސަލައަކީ އިންތިހާއަށް ހޫނުވެ، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާ މައްސަލައެކެވެ. އޭނާއަށް ރަށްވެހިކަން ދީގެން ނުވާނެ ކަމަށް ބައެއް މީހުން ބުނާއިރު، ދައުލަތަށް ނިސްބަތް ނުވާ މީހެއްގެ ގޮތުގައި ޝާމީމާ ބޭންދުމުގެ ބަދަލުގައި، އިނގިރޭސިވިލާތަށް ގެނެސް، ޝަރިޔަތް ހިންގަންވެސް އަނެއް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ގުޅުމަށް އޭނާގެ ދަރިފުޅު ނިންމިކަމަށްޓަކައި، ޝަމީމާ ބޭގަމްގެ ބައްޕަ، އަހުމަދު އަލީ ވަނީ، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

ޝަމީމާ އެކަން ގަބޫލުކުރިއަސް އަދި ނުކުރިއަސް، އޭނާއަށް އެކުރެވުނީ ވަރަށް ނުބައި ކަމެއް ކަމަށް ޝަމީމާގެ ބައްޕަ ވަނީ ބުނެފައެވެ. 2019 ވަނަ އަހަރު ޝަމީމާ ބުނެފައި ވަނީ، އައިސިސްއާއި ގުޅެވުނީތީ ހިތާމަ ނުކުރާ ކަމަށާ، ނަމަވެސް އައިސިސްގެ "ހިލާފަތް" މިހާރު ނިމުމަކަށް އައިސްފައިވާކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ކައިވެނީގެ ގޮތުން ޝަމީމާ ގުޅިގެން އުޅުނީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ، ނެދަލެންޑްސްގެ ހަނގުރާމަވެރިއަކާއެވެ.