ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުމުގެ ޖަރީމާ ހިންގި ގާތިލުން ދަތުރުކުރި ޕްރައިވެޓް ޖެޓްތަކަކީ، ސައުދީގެ ނުފޫޒު ގަދަ ވަލީއަހުދު، އޭގެ އަހަރެއްހާ ދުވަސް ކުރިން ގަދަ ބާރުން އަތުލައިގެންނެވި ކުންފުންޏެއްގެ ޖެޓްތަކެއް ކަން ހާމަވެއްޖެއެވެ.

ހަޝޯގީ މަރާލުމުގެ އޮޕޮރޭޝަން ހިންގި "ޑެތު ސްކޮޑުން" ބޭނުން ކުރި 2 ޖެޓަކީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)، ކޮންޓްރޯލް ނަންގަވާފައިވާ ކުންފުންޏެއްގެ މިލްކިއްޔާތުގައި އޮތް ޖެޓުތަކެއް ކަން ހާމަވީ، ކޯޓަކަށް ހުށަހެޅި ލިޔެކިއުން ތަކަކުން ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިއަހަރު ކުރީކޮޅު، ކެނެޑާއިން ބަލަން ފެށި މަދަނީ މައްސަލައަކާ ގުޅިގެން ހުށަހެޅި މި ލިޔެކިއުން ތަކަކީ، "ޓޮޕް ސީކްރެޓް"ގެ ސިއްކަ ޖަހާ، ސައުދީގެ ވަޒީރަކު ސޮއިވެސް ކުރައްވާފައިވާ ލިޔެކިއުން ތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

"ވަލީއަހުދުގެ އިރުޝާދާ އެއްގޮތަށް، (މިވެނި ކަމެއް) ފުރިހަމަ ކުރަން ބޭނުންވާ އިޖުރާއަތުތައް މިހާރުން މިހާރުން ފުރިހަމަކޮށް ނިންމުމުގެ ހުއްދަ ދީފިން" މިފަދައިން އެ ލިޔެކިއުން ތަކުގައި ވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ކެނެޑާއިން ބަލަމުންދާ މައްސަލައަކީ، ސްކައި ޕްރައިމް އޭވިއޭޝަންގެ އޯނާޝިޕް، ސައުދީގެ 400 ބިލިއަން ޑޮލަރުގެ ސޮވްރިން ވެލްތު ފަންޑަށް، 2017 ވަނަ އަހަރުގެ ފަހު ކޮޅު ބަދަލު ކުރަން ޖެހުނު ގޮތާގުޅޭ މައްސަލައެކެވެ. މި މައްސަލަ ފެންމަތިވީ، ސައުދީގެ ޖާސޫސީ އިސް އޮފިޝަލެއް ކަމަށް ވާ ސާދު އަލްޖަބްރީއާ ދެކޮޅަށް ބަލަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ.

އަލްޖަބްރީއާ ދެކޮޅަށް ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ، ހަޝޯގީ މަރާލުމަށް ފަހު، ކެނެޑާއަށްވެސް "ޑެތު ސްކޮޑް" ފޮނުވައިގެން އޭނާ މަރާލުމަށް އެމްބީއެސް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތަކެއް ފެންމަތި ކުރި ހިސާބުންނެވެ. އެމްބީއެސް ވަނީ މި ދައުވާ އަށް ވެސް އިންކާރު ކުރައްވާފައެވެ.

ސައުދީގެ ސޮވްރިން ވެލްތު ފަންޑު ނުވަތަ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ކޮންޓްރޯލް ކުރައްވަނީ އެމްބީއެސްއެވެ. ޗެއާމަނަކީވެސް އެމްބީއެސްއެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ހަޝޯގީ މަރާލުމަށް ހިންގި ލާއިންސާނީ ޖަރީމާގައި ބޭނުން ކޮށްފައި ވަނީ، މި ކުންފުނީގެ ޕްރައިވެޓް ޖެޓްތަކެވެ. ހަޝޯގީގެ މަރުގެ މައްސަލާގައި އެމްބީއެސްއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ވާ އިރު، ސޮވްރިން ވެލްތު ފަންޑުގެ ދަށުގައި އޮތް 2 ޖެޓް މިކަމުގައި ބޭނުން ކުރި ކަމުގެ ހެއްކަކީ މުޅިން އަލަށް ފެންމަތިވި ހެއްކެކެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ކުރީގެ ޑައިރެކްޓަރެއް ކަމަށްވާ ޑޭން ހޮފްމަން ވިދާޅުވީ، ކުންފުނީގެ ކަންކަން އެމްބީއެސް ޓްރެކް ކުރައްވާނެ ކަމަށާ، އެ ކުންފުނީގެ ރައުސުލްމާލުގެ ބޭނުން ހިފަމުންދާ ގޮތްވެސް އެމްބީއެސްއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަލަށް ފެންމަތިވި ވާހަކަތަކާ ގުޅިގެން ސައުދީގެ އޮފިޝަލުން އަދި ރައްދެއް ދެއްވާފައެއް ނުވެއެވެ. ހަޝޯގީގެ މަރުގެ ފަހަތުގައި ހުންނެވީ އެމްބީއެސް ކަމަށް ދެކެވޭ ވާހަކަތައް ސައުދީއިން ދޮގު ކުރެއެވެ. ކަން މިހެން އޮތް ނަމަވެސް، އެމްބީއެސް ވަނީ ހަޝޯގީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން