ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އަދި އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން ގޭބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއް އުފުލާފައިވާ އިރު، އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ މިދިޔަ ޑިސެމްބަރު 5، 2019 ގައެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ޑިސެމްބަރު 15، 2019 ގައެވެ.

މި މަހުގެ ތިން ވަނަ ދުވަހު އަމީންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި، އޭނާގެ ބަލި ހާލަތަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ނިންމާފައި ވަނީ އަމީންގެ މައްޗަށް ޝަރުތުކޮށް ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ.

ހައިކޯޓުން ބުނީ، އަމީން ޑޮކްޓަރަށް ދެއްކުމުގައި ކަރެކްޝަންސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމުން އޭނާއަށް ދިމާވެފައިވާ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އަމީނަކީ އަވަސް ފަރުވާ ލިބެން ޖެހޭ ފަދަ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއް ކަން އަދި އޭނާއަށް ފަރުވާ ނުދެވިއްޖެ ނަމަ އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރަކު ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އަމީނަށް ގަސްދުގައި ފަރުވާ ނުދީ ޖަލުގެ އޮފިސަރުން އެކަމާ ދެކޮޅު ހަދައި ލަސްކޮށްފައިވާ ކަން ވެސް އެނގެން ނެތް ކަމަށް ހައިކޯޓުން ބުނެފައި ވެއެވެ.

އެހެންކަމުން އޭނާ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކަމަށް ކަނޑައެޅުމާއެކު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ގާޒީ ވަކިގޮތެއް ކަނޑައަޅަން ދެން އަމީން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 15، 2019 ގައި ނެރުނު އަމުރު ބާތިލްނުވެ ދެމިއޮތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އޭނާ ޖަލުގައި ބަންދުކޮށްފައި ހުންނަ އިރު، އޭނާގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް އެ ހާލަތު އިތުރަށް ބޮޑުވެގެން ނުދާނެ ގޮތަކަށް އޭނާގެ ޖަލު ބަންދުގައި ހުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، އޭނާގެ ބައްޔަށް ފަރުވާ ކުރުމަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ހައިކޯޓުން ބުނެއެވެ. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައި ތިއްބަން ޖެހޭ މީހުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދުގެ ދަށުން އަމީނަށް ލިބިގެންވާ އަސާސީ ހިދުމަތަތައް އޭނާއަށް ލިބިދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އޭނާ ބަންދުކޮށްފައި ހުންނަ ޖަލު ބަލަހައްޓާ ފަރާތަށް އަންގައި ހައިކޯޓުން ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފައެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސް ލީޑަރެވެ. އެކަމަށް ބާރުދޭ ހެކިވެސް ދައުލަތުން ހުށަހަޅާފައި ވާނެ ކަމަށް މިއަދު ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަމީންގެ ފަރާތުން ބުނެފައި މިއަދާ ހަމައަށް ވެސް އެއީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއް ކަމަށާއި އެކަން އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 2012 ގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެހި ރައްޔިތެވެ.