ހަރުކަށި ފިކުރުގެ އެއްވެސް އަމަލެއް ހިންގާ ކަން އެނގޭ ނަމަ އެ އަމަލު ހުއްޓުވުމަށް ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެ ސެންޓަރުން ބުނީ، ދިވެހިންނަކީ ޒަމާނުއް ސުރެ އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބި ބައެއް ކަމަށެވެ. ނަމަވެސް ޒަމާންވީ ރިވެތި އުސޫލުތަކާއި ސަގާފަތް ނައްތާލަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށްގެން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ނައްތާލަން މަދު ބަޔަކު އެކުވެެން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ހަރުކަށީ ފިކުރުގެ އަމަލުތަކުގެ ތެރެއަށް ކުޑަކުދިންނާއި ޒުވާނުން ވެއްދުމަށް ކުރަމުންދާ މަސައްކަތަކަށް އާންމުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.
މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފަރުދުންގެ މެދުގައި ހަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި ވަކި ޖަމާއަތްތަކެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށް އެ ސެންޓަރުން ބުނެއެވެ. އެ ގޮތުން އެމީހުންގެ މި މަސައްކަތުގައި ގިނަ ކުޑަކުދިންނާއި ޒުވާނުން ބައިވެރިކުރަން މަސައްކަތް ކުރަމުންދާ ކަން އެ ސެންޓަރުން ފާހަގަ ކުރެއެވެ.
ނިރުބަވެރި ކަމާއި، އެނޫނަސް ހަރުކަށި ފިކުރާ ގުޅޭ އެންމެހާ ނުރައްކާތެރި ކަންކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުތައް ތަންފިޒު ކުރާ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް އެ ސެންޓަރުން ބުނެއެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުން އެ ފިކުރަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ރައްޔިތުންނާގެ އެއްބާރުލުމާއި ބައިވެރިވުން މުހިންމު ކަމެއްގެ ގޮތުގައި ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެއެވެ.
އެހެންކަމުން، ތިމާއާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލެއް ނުވަތަ އެފަދަ އަމަލުތަކަށް މަގުފަހި ކުރުމުގެ ހަރަކާތްތައް ފާހަގަ ކުރެވޭ ނަމަ، ލަސް ނުކޮށް އެކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހިއްސާކޮށް ދެއްވުމަށް އިލްތިމާސް ކުރާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި ހަރުކަށި ފިކުރުގެ ނުރައްކާތެރި ވަބާއިން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްތަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެސެންޓަރުން ބުނެއެވެ.
މިދިޔަ އަހަރު ފަހުކޮޅު ވަނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދޯންޏަކާއި، ތ. ތިމަރަފުށިން 16 ގެއެއް ބަލާފާސްކޮށް، ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރު ކުރި 8 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައެވެ.
އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅުމާއި، އައިއެސް ޖަމާއަތާ ގުޅިގެން ޓެރަރިޒަމް ހަމަލާ ދޭން އުޅުމާއި އަދި އެފަދަ އަމަލުތަކަށް ފަންޑު ކުރުމުގެ ތުހުމަތު ވެސް ހިމެނެއެވެ. އެމީހުން ވަނީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނު ހެދުމާއި، ތިމަރަފުށީ ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ވެސް ކޮށްފައެވެ. އަދި އެރަށުގައި ވެސް ކުޑަކުދިންނާއި ޒުވާނުން ހަރުކަށި ފިކުރުގެ ތެރެއަށް ވައްދަން ވަނީ މަސައްކަތް ކޮށްފައެވެ.
ދެން ހީވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ރައްޔަތުން އަޚް ކުރައްވަނިހެން... ހަމަ އިސްލާމް ދީން ޓޮލަރޭޓް ނުކުރެވެނީ.... ތި ޕާޓީ ތަކެއް އުފެދުން ފަހުން އަސްލު ބައިބައިވީ...
ލާދީނީ ވެރިކަން މި ގައުމުއި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް އުދަގޫވާނެކަން ލާދީނީ ބޮޑުން ދަނެއެވެ. ދިވެހި ރާއްޖޭގައި ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ހުރަހަށް އޮތީ ހަމައެކަނި އިސްލާމް ދީންކަން އެ ލާދީނީ ބޮޑުން ސައްލާކޮށް ބުނެ އުޅެއެވެ.