މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 50 ޕަސަންޓް މުވައްޒަފުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ 50 ޕަސަންޓް މުވައްޒަފުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ 1676 މުވައްޒަފަކު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުން ފުލުހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ތައް ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާތަނަށް އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފުލުހުން ވެކްސިން ޖަހަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުން ތިބީ ވެކްސިން ޖަހައިގެން ރައްކާތެރިވެ، ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ، މިހާލަތު ބަދަލުކުރުމުގެ އުންމީދުގައި
ފުލުހުން

ރާއްޖެެއިން މިހާތަނަށް 90،865 މީހުން ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދު 64،900 މީހުން އަދި އަތޮޅު ތެރެއިން 25،965 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. .

މީގެ އިތުރުން މިހާރު އުމުރުން 25 އަހަރުން މަތީގެ މީހުންނާއި އުމުރުން 25 އަހަރާއި 18 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ބައްޔަށް ބޭސް ކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން މިހާރު ހުކުރު ދުވަހަކީ ވެކްސިން ނުޖަހާ ދުވަހެއްގެ ގޮތުގައި ވެސް ވަނީ ހަމަޖައްސާފައެވެ.